Tuesday, February 15, 2011

ބެލެނިވެރިންނާ މުދައްރިސުންގެ ޖަމްއިއްޔާ އިފްތިތާޙް ކޮށްފި

 

 ގއ. އަތޮޅުމަދަރުސާގެ ބެލެނިވެރިންނާ މުދައްރިސުންގެ ޖަމްޢިއްޔާގެ އިފްތިތާޙީ ޖަލްސާ ފެބްރުއަރީ 11 ވީ ހުކުރު ދުވަހު ހަވީރު 2.30 ގައި މަދަރުސާގެ ހޯލުގައި ބޭއްވިއްޖެވެ. ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ކޮލަމާފުށި ކަތީބު އަލްފާޟިލް ޙަސަން ޙުސައިންއެވެ. މި ޖަލްސާގައި ކޮލަމާފުށީގެ އިއްޒަތްތެރިންނާ ޕީޓީއޭގެ ހިންގާ ކޮމިޓީގެ މެމްބަރުންނާ ސްކޫލް ބޯޑްގެ މެމްބަރުންނާ އަދި ބެލެނިވެރިން ބައިވެރިވެވަޑައިގަތެވެ. ޖަލްސާ ގުރުއާނުގެ ބަރަކާތުން ފައްޓަވައިދެއްވީ ޕީޓީއޭގެ ޚަޒާންދާރު ޝިޔާނާ މުހުސިންއެވެ. އެއަށްފަހު އާޔަތްތަކުގެ ތަރުޖަމާ އިއްވަވައި ދެއްވީ ބެލެނިވެރިންގެ މެމްބަރު ނާހިދާ އިބްރާހިމްއެވެ. ޖަމްއިއްޔާގެ ކޯޑިނޭޓަރ ތަގިއްޔު އިބްރާހިމް ތަޢާރަފް ކޮށްދެއްވި މި ޖަލްސާގައި ޖަމްއިއްޔާގެ އިސްމަގާމްތަކުގެ މެމްބަރުންގެ މަސްއޫލިއްޔަތުތައް އިއްވައި ދެއްވީ ސެކެރެޓަރީ ސަފްހާ ފަތުޙީއެވެ. ޖަލްސާގައި ޝަރަފްވެރި މެހްމާންގެ ވާހަކަފުޅުގައި މިހާރުގެ އިޖްތިމާޢީ ޙާލަތާ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި މުޖުތަމަޢުގައިވާ ނޭދެވޭ ކަންތައްތަކުން އެކުދިން ދުރުކުރެއްވުމަށް ބެލެނިވެރިންނަށް ނަޞޭހަތްތެރިވެވަޑައިގަތެވެ. އެއަށްފަހު ޖަމްއިއްޔާގެ ނައިބް ރައީސާ މަރިޔަމް ސައީދާ ވާހަކަދެއްކެވިއެވެ. ނައިބް ރައީސާގެ ވާހަކަފުޅުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ. އަދި ޖަމްއިއްޔާއިން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މަދަރުސާގެ ލައިބްރަރީއަށް ފޮތްހަދިޔާކުރުން ޖަމްއިއްޔާ އިން މިފަހަރު ކުރާ  މުހިއްމުކަމެއްގެ ގޮތުގައި ނައިބް ރައީސާ ފާހަގަކުރެއްވިއެވެ. އެއަށްފަހު ޖަމްއިއްޔާގެ ރައީސް އަބްދުﷲ ޒާހިރު ޖަލްސާގައި ވާހަކަދެއްކެވިއެވެ.    

No comments:

Post a Comment